bismi

Switch to English Edition

ކުޑަކުދިންގެ ޢަދުލުގެ ނިޒާމް

   18 އަހަރު ފުރިހަމަނުވާ ކުއްޖަކު ޤާނޫނާ ޚިލާފުވެއްޖެނަމަ، އެކުއްޖެއްގެ މައްސަލަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ނުވަތަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގެ ތެރެއަށް ވަންނާނެއެވެ.

   މީލާދީން 18 ވަނަ ޤަރުނާ ހަމައަށްވެސް، ޢަދުލުއިންސާފުގެ ނިޒާމުގެ ތެރޭގައި ކުޑަކުދިންނާ ބޮޑެތިމީހުން ތަފާތުކުރެވިފައެއްނުވެއެވެ. ޢުމުރުން 7 އަހަރުގެ ކުށްކުރާ ކުދިންގެ މައްސަލަތައްވެސް ބޮޑެތި މީހުންނެކޭ އެއްގޮތަށް ތަޙްޤީޤުކުރެވި، ޖިނާއީ ކޯޓްތަކުން އެކުދިން ޖަލުގައި ހައްޔަރުކުރުމަށް ޙުކުމްކޮށްފައިވެއެވެ.

   ނަމަވެސް އިޖްތިމާޢީ ޢިލްމުވެރިންނާއި ނަފްސާނީ ޢިލްމުވެރިން ޖަލުތަކުން ކުޑަކުދިން މިނިވަންކުރުމަށް ގޮވާލެއްވުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ފަހަރަށް ކުޑަކުދިން ބޭތިއްބުމަށް ”ހައުސް އޮފް ރެފިޔުޖް”ގެ ނަމުގައި 1825 ވަނަ އަހަރު އެމެރިކާގައި ޚާއްޞަ މަރުކަޒުތައް ތަޢާރަފް ކުރެވުނެވެ. ނަމަވެސް،  މާގިނަ އަހަރުތަކެއް ނުވެ، މިމަރުޒުތައް ފުރިބާރުވެ، އިހާނެތިގޮތްތައް ކުދިންނަށް ދިމާވެ، ފާޑުކިޔުންތައް އިތުރުވުމުން ދެޖިންސްގެ ކުދިންނަށް އަމާޒުކޮށް 19 ވަނަ ޤަރުނުގެ މެދުތެރޭގައި ”ޓްރެއިނިންގ ނުވތަ އިންޑަސްޓްރިއަލް ސްކޫލްސް”ގެ ނަމުގައި މަރުކަޒުތައް ތަރައްޤީކުރަން ފެށުނެވެ. މިތަންތަން އަމާޒުކުރެވުނީ ކުދިންނަށް ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ގޮތުގައެވެ.

   މީލާދީން 19ވަނަ ޤަރުނުގައި، އެމެރިކާގައި، ކުށްކުރާ ކުޑަކުދިންނާމެދު ކުރެވޭ މުޢާމަލާތަށް ބަދަލު އަންނަން ފެށިއެވެ. މިގޮތުން އިޖްތިމާޢީ އިޞްލާޙަށް މަސައްކަތްކުރާ ފަރާތްތަކުން ކުށްކުރާ ކުދިން އެކަހަރިކޮށް ބޭތިއްބޭނެ ޚާއްޞަ ތަންތަން ތަޢާރަފް ކުރެވުނެވެ. މީލާދީން 1899 ވަނައަހަރު، އެމެރިކާގެ އިލިނޮއިސް ސްޓޭޓްގެ ”ކުކް ކައުންޓީ” ނަމަކަށްކިޔާ ރަށުގައި ފުރަތަމައަށް ޖުވެނައިލް ކޯޓް ޤާއިމް ކުރެވުނެވެ. މިކޯޓް ޤާއިމް ކުރެވުނީ ” މައިންބަފައިން ގޮތުގައި ދައުލަތް” މިނަމުން ނަން ދެވިފައިވާ އިނގިރޭސިވިލާތުގެ ޤާނޫނީ އުޞޫލުގެ މައްޗަށް ބިނާކޮށްގެންނެވެ. މިއުޞޫލުގައިވާ ގޮތުން، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި އެހީތެރިވެ، މައްސަލަތަކުގައި ހިމެނޭ ކުދިންގެ މަޞްލަޙަތުގެ ބެލެނިވެރިއެއްގެ ދައުރު އަދާކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

   މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި، ކުށްކުރާ ކުޑަކުދިންނަކީ ބޮޑެތިމީހުންނާ ތަފާތުކޮށް މުޢާމަލާތުކުރަންޖެހޭ ބައެއްކަމާއި، އެކުދިންނަށް ޙިމާޔަތްދީ އަނބުރާ މުޖްތަމަޢުއަށް ގެނައުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ގޮވާލާ ފަލްސަފާގެ ދަށުން ޖުވެނައިލް ކޯޓްތައް އުފެދިގެން ދިޔައެވެ. މިގޮތުން ކުށްކުރާ ކުޑަކުދިންނާމެދު ބެލުނީ ” ކުށްވެރި” އަކަށްވުރެބޮޑަށް ” ބަސްނާހާ ” ކުއްޖެއްގެ ގޮތުގައެވެ. މަޝްހޫރު އިނގިރޭސި ޤާނޫނީ ވަކީލެއްކަމުގައިވާ ވިލިއަމް ބްލެކްސްޓޯން (1760) ، އޭނާގެ ” ކޮމެންޓަރީސް އޮން ދަ ލޯ އޮފް އިންގްލެންޑް” ގައި، ކުށަކަށް އަރައިގަތުގެ ކުޅަދާނަކަން ނެތް މީހުން ފާހަގަކުރެއްވިއެވެ. އޭނާ ކަނޑައެޅުއްވި ގޮތުގައި މީހަކު ކުށަކަށް އަރައިގަތުމުގެ ޒިންމާކުރުވުމުގައި ދެކަމެއް ބޭނުންވެއެވެ. ފުރަތަމަ ކަމަކީ، މީހަކު ކުށަކަށް އަރައިގަތުމުގައި ”ނުބައި ނިޔަތެއް” އޮތުމެވެ. ދެވަނަ ކަމަކީ މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ހިންގުމެވެ. އޭނާ ވިދާޅުވިގޮތުގައި، ކުށެއްކުރުމުގައި ”ނިޔަތް” ނުވަތަ ”ޢަމަލު”، މިދެކަމުންކުރެ ކަމެއް ނެތިއްޖެ ޙާލަތެއްގައި ކުށެއްކުރި ކަމަކަށްނުވާނެއެވެ. ކުށްކުރުމުގެ ކުޅަދާނަކަން ނެތް އެންމެ ފުރަތަމަ ގުރޫޕުގެ ތެރޭގައި، އޭނާ ފާހަގަ ކުރެއްވީ ” ޅަކުދިން ” ނެވެ. ޅަކުދިންކަމުގައި އޭނާ ސިފަ ކުރައްވާފައި އެވަނީ ކުރާކުށް ނޭގޭ ޢުމުރުގެ ކުދިންނަށް ނިސްބަތްކޮށެވެ. އެހެންކަމުން، ކުރެވެނީ ކުށެއްކަން ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ މިންވަރުގެ ތަފާތު،  ”ޅަކުދިންނާއި”  ބޮޑެތިމީހުންނާ ދެމެދު ހުރިކަން ޤަބޫލުކުރެވުނެވެ.

މިޒަމާނުގެ ދިރާސާތަކުން ދައްކާގޮތުގައި، ކުށްކުރާ ކުޑަކުދިންނާމެދު ހަރުކަށިވުމަކީ ކުށަށް އަރައިގަތުމުގެ މިންވަރު ދަށްކުރާ ކަމެއްނޫނެވެ. މިދިރާސާތަކުން ދައްކާ ގޮތުގައި ބޮޑެތިމީހުންގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ މައްސަލަތައް ޖިނާއީ ކޯޓްތަކުގައި ހިންގުމަކީ ކުށްކުރާ ކުޑަކުދިން ތަކުރާރުކޮށް ކުށްކުރުމަށް މަގުފަހިވާނޭ ކަމެކެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމް އާއި ޖިނާއީ ޢަދުލުގެ ނިޒާމްގެ ތަފާތުތައް:

#

ކުޑަކުދިންގެ ޢަދުލުގެ ނިޒާމް

ޖިނާއީ ޢަދުލުގެ ނިޒާމް

1

2

3

   4

5

ކުއްޖާ އަނބުރާ މުޖްތަމަޢަށް ގެނައުމާއި ނަފްސާ-އިޖްތިމާޢީ ފަރުވާ ދިނުމާއި، ކުއްޖާއަށް ޖަމާޢަތުގެ ރައްކާތެރިކަން ލިބިދިނުމަކީ އިސްކަންދޭ ލަނޑުދަނޑިއެކެވެ.

ކުޑަކުދިންގެ ކުށުގެ ރެކޯޑަކީ އާއްމުކުރެވޭ މަޢުލޫމާތެއް ނޫނެވެ. ކުޑަކުދިންގެ ޝަރީޢަތުގެ އަޑުއެހުންތައް އޮންނާނީ ސިއްރު ކުރެވިފައެވެ.

ކުށްކުރާ ކުޑަކުދިންގެ ޝަރީޢަތުގައި އޮންނާނީ އަޑުއެހުމެވެ. މިގޮތުން ކުއްޖާގެ ނަފްސާނީ އަދި އިޖްތިމާޢީ ޙާލަތާއި ކުއްޖާގެ ބޭނުންތަކުގެ މައްޗަށް ބެލުމާއި ޤާނޫނީ ޙަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތް ކުރާނެއެވެ.

ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުޖާގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ޖަމާޢަތުގެ ސަލާމަތަށްޓަކައި، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމުގެ އިޚްތިޔާރު އޮންނާނެއެވެ.

ކުށްކުރާ ކުއްޖާއާމެދު ޙުކުމްކުރެވޭނީ ” ބަސްނާހާ” ކުއްޖެއްގެ ގޮތުގައެވެ. ” ކުށްވެރިއެއް” ގޮތުގައެއް ނޫނެވެ. ޖުވެނައިލް ޖަސްޓިސް ސިސްޓަމް އަކީ ، އޭގެ ޒާތުގައި ފަރުދީވަންތަ ނިޒާމެއް ކަމުން ، ކުށްކުރާ ކުއްޖާގެ މައްޗަށް ޙުކުމްކުރުމުގައި ތަފާތު އުކުޅުތައް ބޭނުންކުރެވެއެވެ. މީގެތެރޭގައި މުޖްތަމަޢުތެރެއަށް ދޫކޮށްލައިގެން ނުވަތަ ގޭގައި ބަހައްޓައިގެން ފަރުވާދިނުންފަދަ ތަފާތުގޮތްތައް ހިމެނެއެވެ. ކުއްޖާ ކުރިކުށާމެދު ޙުކުމެއް ކަނޑައަޅާނީ ކުއްޖާގެ ކުށުގެ ރެކޯޑާއި ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު ކުއްޖާ އަނބުރާ މުޖްތަމަޢުއަށް ގެނެވޭނެފަދަ ޕްރޮގްރާމެއް ހިމަނައިގެންނެވެ. ކުއްޖާއަށް ޙުކުމެއް ކަނޑައެޅުމުގައި ވަކި މުއްދަތެއް ކަނޑަނޭޅިދާނެއެވެ. ކުއްޖާގެ އުޅުން މުޅިން ބަދަލުވަންދެން ނުވަތަ ކުޑަކުދިންގެ ޢުމުރުން ނެއްޓެންދެން ޚާއްޞަ މުއައްސަސާއެއްގައި ކުއްޖާ ބަހައްޓައިގެން ފަރުވާދިނުން ނުވަތަ ޚާއްޞަކުރެވޭ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނިންމިދާނެއެވެ.

ފަރުވާ ދިނުމަކީ އިސްކަންދޭ ލަނޑުދަނޑިއެއް ނޫނެވެ. އިސްކަންދެވޭނީ ކުރާ ކުށަށް ޤާނޫނުގައި އޮންނަ އަދަބު ކަނޑައެޅުމަށެވެ. ކުށްވެރިން ކުށްކުރުމުން ދުރުކުރެވޭނީ އަދަބު ދީގެންނެވެ.

ބޮޑެތިމީހުންގެ ކުށުގެ ރެކޯޑްތައް ޢާއްމުކުރެވިދާނެއެވެ. އަދި ޝަރީޢަތުގެ އަޑުއެހުންތައް އޮންނާނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.

ކުށުގެ ތުހުމަތުގައިވާ ބޮޑެތި މީހުންގެ މައްސަލަތަކުގައި އޮންނާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޝަރީޢަތުން ޙުކުމެއް ކަނޑައެޅުމެވެ.

ދަޢުވާ ލިބޭފަރާތުން ކަފާލާއަށް އެދެވިދާނެއެވެ.

ދައުވާލިބޭ ފަރާތަށް އޮންނާނީ ކުށް ސާބިތުވެ، ”ކުށްވެރިވުން” ނުވަތަ ކުށް ސާބިތުނުވެ، ކުށުން ކުށުން ”ބަރީއަވުން”

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމް

ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ދިވެހިރާއްޖެ ސޮއިކުރީ 31 މާޗް 1991 ގައެވެ. އެއަށްފަހު 2 ޑިސެމްބަރ 1991 ގައި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު ވުޖޫދަށް އައިސް، 1997 ގައި ކުޑަކުދިންނާބެހޭ ކޯޓް ޤާއިމް ކުރެވުނެވެ. އަދި، 1999 ގައި ކުޑަކުދިންގެ މައްސަލަތައްބަލާ ތަޙްޤީޤުކޮށް އިންސާފުކުރާނެ ގޮތުގެ އިޖްރާއާތެއް އެކުލަވާލެވި ޢަމަލުކުރަން ފެށުނެވެ.

އދގެ ތަރައްޤީއާބެހޭ ޖަމްޢިއްޔާ (ޔޫއެންޑީޕީ)ގެ އެހީގައި ރާއްޖޭގެ ޖިނާއީ ޢަދުލްގެ ނިޒާމް އިޞްލާޙުކުރުމުގެ މަސައްކަތް، އެމެރިކާގެ ޕެންސިލްވޭނިއާ ލޯ ސްކޫލްގެ ޕްރޮފެސަރ ޕޯލް ރޮބިންސަން އާއި ޙަވާލުކުރެވުނެވެ. މިމަސައްކަތް ފެށިފައިވަނީ ޖުލައި 2004 ގައެވެ. މިމަސައްކަތާ ގުޅިގެން ޤާނޫނީ އޮނިގަނޑުން ބޭރުވާ ކުޑަކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުން ފުރުޞަތުތަކެއް ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ޙިމާޔަތް ހޯދައިދިނުމުގެ މަޤްޞަދުގައި ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުގައި، 2007 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުފެދުނެވެ. 2008 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއި ގުޅިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓް އަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ ބައެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި، ކުޑަކުދިންގެ ޢަދުލްގެ ބިލްގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފެށުނެވެ. 2010 ވަނަ އަހަރުގެ ޖުލައި 15 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ ވަކި އޮފީހެއްގެ ގޮތުގައި ހަމަޖައްސަވާ، ޤާނޫނާ ޚިލާފުވާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖްތަމަޢަށް ގެނައުމުގެ މަސައްކަތް ޔުނިޓްއާއި ޙަވާލުކުރެވުނެވެ.


ލިޔުންތައް